ނިކަމެތިންނަށް އޯގާތެރިވާށެވެ.
ކުޑޭއަކީ މިރަށުގެ ޢާއިލާޔަކަށް މާތްﷲ އުފަންކުރައްވާފައިވާ ޣަރީބުއިންސާނެކެވެ. ކޮންމެ އިންސާނެއްގެ އަތުގެ ފަސްއިނގިލި ފަސްވަރުވެފައިވާ ބީދައިން، މާތްﷲ އެކިއިންސާނުން އުފައްދަވާފައިވަނީ އެކިގޮތްގޮތަށް އެކި ސިފަސިފައިގައެވެ. ބުއްދިވެރީންނާއި ބުއްދި އުނިމީހުންނެވެ. ވިސްނޭމީހުނާއި ނުވިސްނޭމީހުންގެ އިތުރުން، ރުޅިގަދަމީހުނާއި ރުޅިމަޑުމީހުނެވެ. ދޮންމީހުނާއި ކަޅުމީހުންގެ އިތުރުން، ކުޅެދޭމީހުނާއި ނުކުޅެދޭމީހުނެވެ. ކުޑޭއަކީ ކޮންފެންވަރެއްގެ ކޮންކަހަލަ މިޒާޖެއްގެ ނިކަމެތި މީހެއްކަން އެނގި ހުރެ، ނޭނގޭކަމަށް ހަދާލައިގެން އެފަކީރާއި ދިމާކުރަމުންދާ ގިނަބަޔަކު މި ކުޑަކުޑަ ހިމަންދޫގައި އުޅެމުންދާކަމީ ހޭބުއްދިހުރި ކޮންމެމީހަކުވެސް ޤަބޫލުކުރާނޭ ޙަޤީޤަތެކެވެ.
ހިތާމަހުއްޓެވެ! އެކި ގޮތްގޮތަށް، އެކި ޒާތްޒާތަށް އެނިކަމެތި އިންސާނާޔާއި ބެހި، ޖެއްސުމާއި ފުރައްސާރަކޮށް ރުޅިއަރުވަމުންދާ މަންޒަރު، ނިކަން އަޅެ ރަޙުމުގެލޮލަކުން ބަލައި، ޙަމްދަރުދީގެ ކަންފަތަކުންއަހާފަ ފުންކޮށް ވިސްނާލަބަލާށެވެ...!! ކުޑޭއަށްވުރެ އުމުރުގެގޮތުން މާ ދޮށީމީހުނުންފެށިގެން އެންމެ ތުއްތުތުއްތުކުއްޖާގެފުށުންވެސް ފެނޭނޫންތޯއެވެ؟ ވާނީވެސް އެހެންތާއެވެ. ކުދިސޯބުތައް އެނބުރޭނީ މައިސޯބުތައް އެނބުރޭމިސާލުންވިއްޔާއެވެ. މިމީސްމީހުން އެ ނިކަމެތި މީހާއާއި ބެހިލަނީ، ކޮންމެތަނެއްގައި ކޮންމެ ޙާލަތެއްގައިވިޔަސް އޭނާގެ ދުލުން ހަޑިހުތުރުބަސްތަކެއް ބޭރުވާނޭކަން އެނގިއެނގިހުރެ، ހަމަ އެމަޤްޞަދުގައެވެ. މިގޮތަށް ކުޑޭ ރުޅިއަރުވާލަނީ އަޅުގަނޑުމެންގެތެރެއިން ކިތައް މުސްކުޅީންތޯއެވެ؟ ކިތައް ޒުވާނުންނާއި، ކިތައް ކުޑަކުދީންތޯއެވެ؟ ޙުރުމަތްތެރިވެގެންވާ މިސްކިތުގައި އެފަކީރު ނަމާދުކޮށްކޮށްހުއްޓާވެސް ބެހެނީއެވެ. ސުބުޙާނަﷲ! މިސްކިތުން ފައިބާވަގުތުބަލާފަ އެނިކަމެތިމީހާގެ ފައިވާންވެސްފޮރުވަނީއެވެ. މިކަމާ އިންތިހާޔަށްރުޅިއައިސް، އެރުޅީގައިގޮސް ގެޔަށްވަންނަވަގުތު، ބަންބަންލާފަ ބޮޑެތި ގާބުރިބުރި އެގޭ ފުރާޅުމައްޗަށް އުކައި' އޭނަގެ ހިތަށް ދަތިކުރުވަނީ ކޮންފަދަ ރަޙުމްކުޑަ މައިންބަފައިންނެއްބާއޭ
އަޅުގަނޑުގެހިތަށްއަރައެވެ. އެފަކީރު މަގުން ހިގާފައި ދާއިރު، ބޮޑެތި ގާބުރިބުރި އޭނާޔާއި ދިމާލަށް ހޫރާލަނީ،ހޭބުއްދިހުރި ކިތައް ޒުވާނުންތޯއެވެ؟ ކުޑަކުޑަ ލޭޒާލައިޓެއްގެ އަލިއަޅުވާލުމުން ރުޅިއަންނަ އެ .... ކުޑޭ ރުޅިއަރުވާލަނީ ފަހެ ކޮންފަދަ އުފާވެރިކަމަކާއި ލައްޒަތެއް އެބައިމީހުންގެހިތަށް ލީބޭތީބާއޭ އަޅުގަނޑުގެހިތަށްއަރައެވެ. އަޅުގަނޑުމެންގެ ޢާއިލާތަކުގެ ކުޑަކުދިންނާއިބޮޑެތިމީހުން، މަންމައާއި ފިރިހެންދަރިފުޅުގެއިތުރުން، ބައްޕަޔާއި އަންހެންދަރިފުޅުތިއްބަސް، ކުޑޭގެ ދުލުން އެހަޑިހުތުރު ބަސްތައް، ގަސްތުގަ އެ ބޭރުކުރުވާމީހުންނަށްލިބެނީ، ހަމަހަޤީޤަތުގައިވެސް ކޮންފަދަ ހިންހަމަޖެހުމެއްބާއޭ އަޅުގަނޑުގެހިތަށްއަރައެވެ. ކުޑޭއަށްވުރެ އެބައިމީ- ހުންގެ ދޮޅުރޯނާކަމާއި ކަނޑުކޮސްކަން...... ! ބުއްދިވެރިޔަކު ބުނެފައިވެއެވެ. "ތިމާޔަށްވުރެ ބުއްދީގެގޮތުން ދަށް، ބަލިކަށިމީހާއާއި ދިމާކޮށް، އަނިޔާވެރިވާ މީހާއީ މީސްތަކުންގެތެރެއިން ބުއްދީގެގޮތުން އެންމެ ދަށް މީހާއެވެ." މާތް ﷲއެފަދަމީހުނަށް، ސުވަރުގެޔާއި ނަރަކަ ވާކަން ހަނދުމަކޮށްދީ، ހެޔޮވިސްނުން އިތުރުކޮށްދެއްވާށިއެވެ!
ލޮލަށްފެނުމުންމަޙުރޫމްވެފައިވާ ނިކަމެތިމުސްކުޅިޔަކާއި ބެހި، ފޮށެމުންދިޔަ ޒުވާނަކަށް ލޯއަނދިރި ދަރިޔަކު މާތްﷲދެއްވި ޢިބުރަތްތެރިވާހަކަ އެހީމުހެއްޔެވެ؟ އެ ކުޑަކުޑަ ސާލިމްގެކިބައިންފެނުނު އާދަޔާއިޚިލާފު ޢަޖާއިބުކުރުވަނިވި ކަންތައްތަކުގެ ސަބަބުން އެ ޒުވާންބައްޕަޔަށްކުރި ފުން އަސަރުތަކާއި، އެންމެފަހުން އެ ބައްޕަޔަށް އައި ބަދަލުތައް، އާޚް...........! އަޚުންނޭވެ! ތިޔަބައިމީހުނަށްވެސް ކުޑޭކަހަލަދަރިޔަކު ދެއްވުން އެއީފަހެ ﷲއަށް ބޮޑުކަމެއްތޯއެވެ؟ މާތްﷲ އެކިމީހުނަށް ކޯފާލައްވާނީ އެކިސިފަސިފައިގައެވެ. މިސާލަކަށް، އަޅުގަނޑުމެންގެ ބައެއްދުވަސްވީބޭބޭފުޅުން، މުސްކުޅިވުމުގެމަރުޙަލާ ކަޑަތުކުރަމުންދާއިރުވެސް، ކުޑޭރުޅިއެރުވުން އެއީ އެބައިމީހުންގެ އުފަލަކަށްވެ، ކަށީގައިހިފާފައިވާ އާދަޔަކަށްވެފައިވާ ވުން، މިއީވެސް ފަހެ ކޯފާއެއްގެ ސިފައެކޭ ނުބުނެވޭނެތޯއެވެ؟ ބޭފުޅުންނޭވެ! ދަރީންނޭވެ! ހެޔޮނުވާނެއެވެ! ބިރުވެތިވާންވީފަރާތްދެކެ ބިރުވެތިވަމާތޯއެވެ! ހަމަ ކަށަވަރުންވެސް އެކަލާންގެއީ ޖައްބާރުންނަށް ޖައްބާރުވަންތަވެވޮޑިގެންވާ، އޯގާތެރީންނަށް އޯގާތެރިވެވޮޑިގެންވާ ރަސްކަލާންގެއެވެ. އަދި.............!
4 އޭޕްރީލް 2010 =މުޙަންމަދު ރަފީޢު=
No comments:
Post a Comment
ތިޔަފަރާތުގެ ހިޔާލު، އަޅުގަނޑުމެންނާ ހިއްސާކޮށްލައްވާ