ހިމަންދޫ މައްސލައިގެ ފޮރުވިފައިވާ ހަޤީގަތް

 
ހިމަންދޫ މައްސަލައިގެ ފޮރުވިފައިވާ ހަޤީގަތް


            ހިމަންދޫ މައްސަލައިގެ ޗެއިނަށް އިތުރުވެގެންދިޔަ އެންމެ ފަހުގެ ބޮޅަކީ 2007 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ސަލްޓަންޕާކުގައި ބޮން ގޮއްވާލި ޙާދިޘާއާ ގުޅުންހުރި މީހުން ހައްޔަރު ކުރުމުގެ ނަމުގައި ފުލުހުންނާއި ޤައުމުގެ ދިފާޢީ ބާރުން ހިމަންދޫގެ ގެތައް ބަލައި ފާސްކޮށް އަދި ބައެއް އަންހެނުން އޮރިޔާންކޮށް ބަލައި ފޮޓޯ ނަގައި ހިންގި އަނިޔާވެރި ލާއިންސާނީ ޙަރަކާތެވެ. މިޙާދިޘާގައި ފުލުހުންނާއި ޤައުމުގެ ދިފާޢީ ބާރުން ހިމަންދޫގެ ނަމާދު ކުރާ މަދު މީހަކު ފިޔާވައި ހުރިހާ މީހުންކަހަލަ ގޮތަކަށް ނަމާދު ކުރުމަށް ބޭނުން ކުރަމުންދާ ﷲގެ ގެ ކަމުގައިވާ މިސްކިތް (މިތަނުގައި ކުރިން ބިނާކޮށްފައިހުރި މިސްކިތް ހިޖުރައިން 1427 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހު ފުލުހުންނާއި ޤައުމުގެ ދިފާޢީ ބާރުން ތަޅާ ބިމާހަމަކޮށްލުމުން ބިނާކޮށްފައިވާ ދެ ވަނަ މިސްކިތް) ކައިރީގައި ދީނީ ޖޯޝުން ފުރިފައިތިބި މީހުންނާ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމުގެ ބަދަލުގައި، ދިވެހި ފުލުހުންނާއި ޤައުމުގެ ދިފާޢީ ބާރުން ފުރިހަމަ ހަތިޔާރާއެކު މިމީހުންނާއި ކުރިމަތިލައި އަނިޔާވެރިކަން ހިންގާފައިވެއެވެ. އިސްވެ ދެންނެވުނު ފަދައިން ޚުދުމުޚްތާރު އަނިޔާވެރި ސަރުކާރުން ހިމަންދޫގެ ރައްޔިތުންނާމެދު ލާއިންސާނީ އެތަކެއް ޢަމަލުތަކެއް ހިންގާފައިވާތީއާއި ބައިލައްކައަކަށްވުރެ ގިނަރުފިޔާ ޚަރަދުކޮށްގެން ހިމަންދޫ ރައްޔިތުން ބިނާކޮށްފައިވާ މިސްކިތް 2006 ވަނަ އަހަރުގައި ތަޅައި ބިމާއި ހަމަކޮށްލިފަދައިން ދެވަނަ ފަހަރަށް ބިނާކޮށްފައިވާ މިސްކިތްވެސް ތަޅައިލާނެކަމުގެ އިންޒާރު ހިމަންދޫގެ ވެރިން ދީފައިވާތީ، މިސްކިތްކައިރިން ދުރަށް ދެވެންނެތްކަމަށާއި ފުލުހުންނާއި ޤައުމުގެ ދިފާޢީ ބާރުން އެދެމުންދިޔަ ގޮތަށް މިސްކިތް ބަލައި ފާސްކުރުމަށް ހުރަސްނާޅާނެ ކަމަށާއި ފުލުހުންނާއި ދިފާޢީ ބާރުން ބޭނުންގޮތަކަށް އެމިސްކިތާއި އެސަރަޙައްދުގައި ތިބި މީހުންބަލައި ފާސްކުރުމުގެ ފުރުޞަތު ދޭނެކަމަށާއި އަދި ސަލްޓަން ޕާކުގައި ގޮއްވާލި ބޮމުގެ ޙާދިޘާއާއި އަދި އެނޫންވެސް ޖިނާއީ ކުށަކާ ގުޅުންހުރި މީހަކު އެސަރަޙައްދުގައި ހުރިނަމަ އެމީހަކު ހައްޔަރު ކުރުމަށް ދެކޮޅު ނުހަދާނެކަމަށް ތަކުރާރުކޮށް އެމިސްކިތްކައިރީގައި ތިބި ނިކަމެތި ރައްޔިތުން ބުނަމުންދިޔަ ނަމަވެސް، ދިވެހި ފުލުހުންނާއި ޤައުމުގެ ދިފާޢީ ބާރުން އެރައްޔިތުންގެ ވާހަކަތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު އެމިސްކިތް ކައިރީގައި ތިބި ގިނަ ޢަދަދެއްގެ ރައްޔިތުން އެމީހުންގެ ގެތަކަށް ރޯދަވީއްލުމަށް ދިޔަވަގުތު އެމިސްކިތްކައިރީގައި ތިބި މަދު މީސްކޮޅެއްގެ މައްޗަށް ވާރޭ ވެހޭ އުޞޫލުން ކަރުނަ ގޭހާއި ޕެޕަރ ސުޕްރޭގެ ވާރޭއެއް އޮއްސާލުމަށްފަހު ވަރުގަދަ ހަމަލާތަކެއްދީ އެމިސްކިތްކައިރީގައި ތިބި މަދު މީސްކޮޅަށް ނުހަނު ބޮޑެތި އަނިޔާތައްކުރި ނަމަވެސް އެމިސްކިތްކައިރީގައިތިބި ހިތްވަރުގަދަ ހަމައެހެންމެ އެމީހުންގެ ހިތްތައް ދީނީ ލޯބިން ފުރިފައިވާ މީހުން އެމީހުންގެ އަމިއްލަ ނަފުސުގެ ދިފާޢުގައި ކުރި މަސައްކަތްތަކަކީ ޓެރަރިޒަމްކަމަށް އޭރު އޮތް އަނިޔާވެރި ސަރުކާރުން ސިފަކޮށް، ހިމަންދޫގެ އޭރުގެ އަނިޔާވެރި ވެރިން އިނގިލި ދިއްކޮށްލި ކޮންމެ މީހަކު ހައްޔަރު ކުރަމުން އައިސްފައިވާ އުޞޫލުން ހިމަންދޫގެ އަނިޔާވެރި ވެރިން އެމީހުންނާއި ވާދަވެރި ޢާއިލާތަކަށް ނިސްބަތްވާ މީހުންނަށް އިނގިލި ދިއްކުރުމުން އެމީހަކީ މި ޙާދިޘާގައި ބައިވެރިވި މީހެއްތޯ ނުވަތަ ނޫންތޯވެސް ބަލާލުމެއްނެތި ދޫނިތަކެއް ހިފާ ހައްޔަރު ކުރާ ބީދައިން ރަޙްމެއްނެތި 65 މީހުން ހައްޔަރު ކޮށް އެމީހުންނަށް ދޫނިދޫޖަލުގައި އެކިވަރުގެ އަނިޔާތައް ކޮށްފައިވެއެވެ. އޭގެ ތެރެއިން މިދެންނެވި 65 މީހުން ދޫނިދުއަށް ގެންދިއުމަށްޓަކާ ދެއަތްފުރަގަހަށްލައި ބިޑި އަޅުވައި ކަނުބަނުމަށްފަހު ފާލަމުން ލޯންޗަށް ހަނޑޫ ބަސްތާތަކެއް އުކާ ބީދައިން އުކި އުކުމާއި ދޫނިދޫގައި ހިންގި ތަޙްޤީޤު ތަކުގައި ހިމަންދޫއަށް ނިސްބަތްވާ ބައެއްމީހުން އޮރިޔާން ޙާލުގައި ރޭގަނޑު ހަތަރުދަމު ބޭތިއްބުމާއި ގައިގެ އެކި ތަންތަނުގައި ތަޅާ އަނިޔާކުރުން ފާހަގަކޮށްލެވެއެވެ. މިހިތްދަތި އަނިޔާތަކުގައި ގިނަމީހުން ކޯޓުގައި ކުށެއް ޘާބިތު ކުރުމަކާ ނުލައި ޖަލުގައި އެއްއަހަރަށްވުރެ ގިނަދުވަހު ބަންދުގައި ބެހެއްޓުމަށްފަހު، މިމީހުންގެ ތެރެއިން ހިމަންދޫއަށް ނިސްބަތްވާ 11 މީހުން އެމީހުންގެ މައިންބަފައިންނާއި އަނބިދަރިންނާއި ވަކިކޮށް 10 އަހަރަށް ޖަލަށްލާފައިވާއިރު، މިއަދާއަހަމައަށްވެސް މިއަނިޔާވެރި ހަރަކާތުގައި ހިފާ ހައްޔަރު ކުރެވުނު އެއްވެސްމީހެއްގެ މައްޗަށް ސަލްޓަން ޕާކުގައި ބޮން ގޮއްވާލިކަމުގެ ތުހުމަތުގައި ނުވަތަ މޯލްޑިވްސް ޕްލިސް ސަރވިސްގެ ފަރާތުން އޭރު ބުނަމުން ދިޔަފަދަ ޖިނާއީ ކުށެއްގެ ތުހުމަތުގައި ދަޢުވާކޮށްފައިނުވުމުން، މިއަނިޔާވެރި ހަރަކާތުގެ މަޤުޞަދަކީ ހިމަންދޫގެ ނިކަމެތި ރައްޔިތުންގެ މައްޗަށް އަނިޔާވެރިކަން ހިންގުންކަން ހާމަވެގެންދެއެވެ.ވެއްޓިގެންދިޔަ އަނިޔާވެރި ނުކުޅެދޭ ސަރުކާރުން ހިމަންދޫ މައްސަލަ ބާރުގެ ބޭނުންކޮށްގެން ޙައްލުކުރުމަށް 3 ފަހަރެއްގެ މަތިން ދިވެހި ފުލުހުންނާއި ޤައުމުގެ ދިފާޢީ ބާރު ހިމަންދޫއަށް ފޮނުވައިގެން އޭރު ހިމަންދޫގެ ވެރިންނަށްތިބި މީހުން އިނގިލި ދިއްކޮށްލި ވަކިވަކި ޢާއިލާތަކަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ މީހުން ހައްޔަރުކޮށް އެމީހުންނަށް ނުޙައްޤުން އިންސާނިއްޔަތާއި ޚިލާފު އެތައް އަނިޔާތަކެއްކޮށްގެންވެސް ހިމަންދޫ މައްސަލަ ޙައްލުކުރުމަށް ނުކުޅެދިފައިވަނިކޮށް ހިމަންދޫ މައްސަލާގައި ހައްޔަރުކުރުމަށްފަހު ޖިނާއީ ކޯޓުން ޓެރަރިޒަމްގެ ކުށް ސާބިތުކޮށް ޖަލަށްލާފައިވާ ހިމަންދޫ މީހުންނަކީ ސިޔާސީ ކުށްވެރިންކަމަށް ޤަބޫލުކުރާ މިއަދުގެ ސަރުކާރުން ޔަޤީންކޮށްދީފައި މިވަނީ ހިމަންދޫ މައްސަލައަކީ ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ މައްސަލައެއްކަމެވެ. މިއަދުގެ ސަރުކާރުގެ އިސްލާމިކް އެފެއާރޒް މިނިސްޓްރީގެ މިންނެތް މަސައްކަތުން މިއަދު މިވަނީ ފުލުހުންނާއި ޤައުމުގެ ދިފާޢީ ބާރުގެ ބޭކަލުން ހިމަންދޫއަށް ގެންދިއުމުގެ ބަދަލުގައި ދީނީ ޢިލްމުވެރިން ހިމަންދޫއަށް ފޮނުއްވައިގެން ޚިޔާލު ތަފާތުވެފައިވާ މީހުންނާއި ޙިކުމަތްތެރިކަމާއެކު ވާހަކަ ދައްކައި އެމީހުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކަށް ޢިލްމީ އަދި ދީނީ ހަމަތަކުގެ މަތިން ޖަވާބުދެއްވައި އަދި ރައްޔިތުން ހުށަހެޅި ހުށަހެޅުންތަކަށް އަދުގެ ސަރުކާރުން ވަކިން ޚާއްޞަކޮށް މިނިސްޓްރީ އޮފް އިސްލާމިކްއެފެއާޒުން އިޖާބަ ދެއްވުމުގެ ސަބަބުން ހިމަންދޫގެ %99 މީހުންވަނީ މިސްކިތަށް ޖަމާޢަތަށް އަރަން ފަށާފައެވެ. ދިވެހިރާއްޖޭގެ ރައްޔިތުން 30 އަހަރުވެފައިވާ ޚުދުމުޚްތާރު ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އަދުގެ ސަރުކާރާއި ގައުމުގެ ހުންގާނު ޙަވާލުކޮށްފައި މިވަނީ ނިމިގެންދިޔަ ޚުދުމުޚްތާރު ވެރިކަމުގައި ދިވެހިރައްޔިތުންނާމެދު ޚާއްޞަކޮށް ޖަލުތަކުގައި ހިންގަމުންދިޔަ އަނިޔާވެރި ލާއިންސާނީ ޢަމަލުތައް ހުއްޓުމަކަށް ގެނެސް އެންމެހައި ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާކުރާނެ އަދި އެއްވެސް ފަރުދަކަށް ޤާނޫނާއި ޤަވާއިދުގެ އިމުގެ ބޭރުން އެއްވެސް މިންވަރެއްގެ އަނިޔާއެއްނުކުރާނެ، އޯގާތެރި ހެޔޮވެރިކަމެއް ޤާއިމް ކުރުމުގެ މަތިވެރި އުއްމީދުގައިކަމަށްވާތީ، ވެއްޓިގެންދިޔަ ޚުދުމުޚްތާރު ސަރުކާރުން ޖަލުތަކުގައި ހިންގި ތަޅާ އަނިޔާ ކުރުމާއި ގަދަކަމުން ތުބުޅިބޭލުންފަދަ ލާއިންސާނީ އެއްވެސް ޢަމަލެއް މިސަރުކާރުގެ އެއްވެސް މުވައްޒަފަކު އަނެކެއްގެ މައްޗަށް ހިންގައިފިނަމަ، އެލާއިންސާނީ ޢަމަލު ހިންގި މީހަކު ނުވަތަ ބަޔަކު ޢަދުލުއިންސާފުގެ ކުރިމައްޗަށް ހާޟިރުކޮށް އެމީހަކާމެދު ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ޢަމަލު ކުރާނެކަމީ މިއަދު ދިވެހިރައްޔިތުން ޝައްކު ކުރާނެކަމެއްނޫނެވެ. އަދި ހަމައެހެންމެ ދީނުގެ ނަމުގައި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ކޮންމެ ކަހަލަ ޙަރަކާތެއް ކޮންމެ ބަޔަކު ހިންގިނަމަވެސް މީޑިއާތަކުން އެޚަބަރެއް ގެނެސްދޭއިރު، އަރިއަތޮޅު އުތުރުބުރީ ހިމަންދޫގެ ފޮޓޯއާއި މަންޒަރުތައް ދައްކަމުންދާ މައްސަލަ އަޅުގަނޑު އިންތިހާއަށް ކުއްވެރި ކުރަމެވެ. އަދި ހިމަންދޫއަށް ނިސްބަތްކޮށް މީޑިއާގައި ދޮގު ޚަބަރުތަކެއް ފަތުރާފައިވަނީ އަރިއަތޮޅު އުތުރުބުރީ ހިމަންދޫގެ ރައްޔިތުންގެ އަބުރާއި އިއްޒަތް ނަގާލުމަށްޓަކައި ވެއްޓިގެންދިޔަ އަނިޔާވެރި ސަރުކާރުން ކަމަށްވީހިނދު، ހިމަންދޫ މައްސަލައިގެ ޙަޤީޤަތް ހޯދުމަކާނުލައި ހިމަންދޫއަށް ނިސްބަތްކޮށް ދޮގު ޚަބަރުތައް ތަފާތު މީޑިއާތަކުން މިހާރުވެސް ތަކުރާރުކޮށް ފަތުރަމުންދިއުމަކީ އަރިއަތޮޅު އުތުރުބުރީ ހިމަންދޫގެ ރައްޔިތުންނަށް ކުރެވޭ ބޭއިންސާފެއްކަމަށްވެސް އަޅުގަނޑު ދެކެމެވެ.

No comments:

Post a Comment

ތިޔަފަރާތުގެ ހިޔާލު، އަޅުގަނޑުމެންނާ ހިއްސާކޮށްލައްވާ