އޭ ޤައުމުގެ މީސްތަކުންނޭވެ! *މުހިއްމު*
ޝާއިޢުކުރީ: އުއްމު ސަކީނާ
އޭ ޤައުމުގެ މީސްތަކުންނޭވެ! ވިއްސިވިހާލިވެ ބިކަޙާލު ޖެހިފައިވާ އަހަރެންގެ އަހުލުންނޭވެ! ނެތުމުގެ ތެރެއިން ﷲ ތަޢާލާ އަހަރެން ވުޖޫދަށް ގެންނެވީ ވަރަށް ނިކަމެތި އެއްޗަކުންނެވެ. އަދި އަހަރެންގެ މަލަމަތި އަމާން ކުރައްވަވާ ހިތްފަސޭހަ ކުރެއްވެވީ އަހަރެންގެ އެއްވެސް އާރެއް ބާރެއް ނެތިއެވެ. ވީއިރު ތިޔަބައިމީހުން މިއަދު އަހަރެންގެ މައްޗަށް ވަލު ސިންގާތަކެއް ފަދައިން ވެރިވެނުގަންނާށެވެ. އަހަރެންގެ ހައްޓަކު ދެނެއް ތިޔަ އަނިޔާތައް ބަރުދާސްތު ކުރާނެހާ ހިތްވަރެއް ނެތެވެ. އަދު އަހަރެން މިވަނީ ނުހަނު ބަލިކަށިވެ ވީރާނާވާން ކައިރި ވެފައެވެ. ވިހަ ލޭތަކުން އަހަރެންގެ ހަށީގައި މިވަނީ ކޯރު ދެމިފައެވެ. ދަލާއި ކުނިމިލަތަކުން އަހަރެންގެ ޖިސްމު މިއޮތް ޣަރަޤުވަނީއެވެ. އަހަރެންގެ ވަކިވަކި ގުނަވަންތައް ކޮށާމަށާ މަރާމާތުކުރަންވެސް ތިޔަބައިމީހުން ފަށައިފީމުއެވެ.
ފަހެ އަހަރެންގެ ވެރި ރައްބު އަހަންނަށް ތިޔަބައިމީހުންގެ މައްޗަށް ކިޔަންމަތެރިވެ މަޑުމައިތިރި ވުމަށް އަމުރު ކުރައްވާފައިވާތީ ތިޔަބައިމީހުން އޭގެ ނާޖާއިޒު ފައިދާ ނަގަނީ ހެއްޔެވެ؟ އަހަރެން ވާހުށި އަހަރެންގެ ވެރިރައްބުގެ އަމުރުތަކަށް ކިޔަމަންވާ އެއްޗެއް ކަމުގައެވެ. އަހަރެން ރޭދުވާ ތިޔަބައިމީހުންގެ ޚިދުމަތުގައި ނިދިން މަޙްރޫމު ވެގެންވާ ޙާލު ހޭދަކުރާއިރު ތިޔަބައިމީހުން އަހަރެންގެ ކުރިމަތީގައި ލަދު ހުތުރު ޢަމަލުތައް ކުރަމުން ގެންދެއެވެ. އަދި ތިޔަބައިމީހުން، މިޢަމަލުތަކާއި މެދު ލަދުވެތި ނުވާ ޙާލު އަހަރެން ލަދުވެތި ކުރުވައެވެ. އަދި އަހަރެންގެ ވެރި ރައްބު ތިޔަބައިމީހުންގެ މިޢަމަލުތަކާއި މެދު ޣީރަތްތެރިވެވޮޑިގެންވަނީ އިންތިހާއަށެވެ. ފަހެ މިބިމަށް ﷲ ތަޢާލާ ފޮނުއްވެވި ކޮންމެ ނަބިއްޔަކާއި ރަސޫލެއްމެ އެބޭކަލެއްގެ ޤައުމާއި މުޚާޠަބްކޮށް މިފަދައިން ވިދާޅު ވިއެވެ.
”...قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ إِنْ أَنْتُمْ إِلا مُفْتَرُونَ“
”... އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަން ކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ! ތިޔަބައިމީހުންނަށް އެއިލާހު ފިޔަވާ އެހެން އިލާހަކު ނުވެއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނީ، ދޮގުހަދާ ބަޔަކު ކަމުގައި ނޫނީ ނުވެއެވެ.“
(ހޫދް 50)
މިއަދު އަހަރެންވެސް މިމަތިވެރި ކަލިމަތަކުން ތިޔަބައިމީހުންނާއި މުޚާޠަބުކޮށް ގޮވަމެވެ. އޭ ޤައުމުގެ މީސްތަކުންނޭވެ!... ފަސޭހަވުމެއް ނެތް ބައްޔަކަށް އަހަރެންގެ ޖާނު ހުށަނާޅާށެވެ. އަދިވެސް ބުނަން ހެއްޔެވެ. ބައެއް ފަހަރު އަހަންނަށް ހީވާކަހަލައެވެ. އަހަރެންގެ އަޖަލު ނުހަނު ގާތްވެއްޖެއެވެ. ނުވަތަ އަމާން ނިންޖަކުން އަބަދުގެ އަބަދަށް އަހަރެން ވަރަށް އަވަހަށް ނިދާލާނެއެވެ. އަދި އަހަރެންގެ ލޯމެރިއްޖެނަމަ ދެންފަހެ ތިޔަބައިމީހުންގެ ޙާލަކީ ކޮބައި ހެއްޔެވެ؟ އޭރުން އަހަންނަކަށް ތިޔަބައިމިހުންނަށް އެއްވެސް އެހީތެރިކަމެއްވެ ނުދެވޭނެއެވެ. މުސްކުޅިވުމުގެ ސަބަބުން ރޫޖެހި ވަޅުވަދެފައިވާ އަހަރެންގެ މިލޮލުގައި ޖަމާވެފައިވާ ކަރުނަތައް ތިޔަބައިމީހުންނަށް ފެންނާނެނަމައެވެ. ހަމަކަށަވަރުން އަހަރެން ނެތިދިއުމަށްފަހު އަހަންނަށް ތަޢްޒިޔާ ކިޔަން ތިބޭނޭ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވާނެއެވެ. އެހެނެއްކަމަކު އަހަންނާއެކު ތިޔަބައިމީހުން ވެސް ޝާމިލްވާނެއެވެ. އަދި ތަޢްޒިޔާ ކިޔާނީ ކުޅިބަލަން ތިބޭ ބައެކެވެ. އެހެންކަމުން ހަނދުމަކުރަން ބޭނުންވާ މީހަކަށް އަދިވެސް ހަނދުމަކޮށްދެމެވެ. ﷲ ގެ ވަޙީ ބަސްފުޅެއްގައި ވެއެވެ.
”وَإِذَا أَرَدْنَا أَنْ نُهْلِكَ قَرْيَةً أَمَرْنَا مُتْرَفِيهَا فَفَسَقُوا فِيهَا فَحَقَّ عَلَيْهَا الْقَوْلُ فَدَمَّرْنَاهَا تَدْمِيرًا . وَكَمْ أَهْلَكْنَا مِنَ الْقُرُونِ مِنْ بَعْدِ نُوحٍ وَكَفَى بِرَبِّكَ بِذُنُوبِ عِبَادِهِ خَبِيرًا بَصِيرًا“
”ތިމަން އިލާހު ޤައުމެއް ހަލާކު (ފަނާ) ކުރެއްވުމަށް އިރާދަކުރައްވައިފި ހިނދު، ތިމަން އިލާހު އެންގެވި ގޮތަށް އުޅުމަށް އެބައިމީހުންގެ ތެރެއިން ތަނަވަސްކަން ލިބިގެންވާ މީހުންނަށް އަމުރު ކުރައްވަމުއެވެ. ދެން އެބަމީހުން އެތަނެއްގައި ފާސިޤުވެގަނެއެވެ. އެއަށްފަހު އެބައިމީހުންގެ މައްޗަށް ﷲ ގެ ކޯފާގެ ބަސް ހައްޤުވެދެއެވެ. ދެން ތިމަން އިލާހު އެރަށެއް މުޅިން ހަލާކު ކުރައްވާ ނެތިކުރައްވަމެވެ. އަދި ނޫޙްގެފާނުގެ ފަހުން ތިމަން އިލާހު، ކިތައްކިތައް ޖީލުގެ މީހުން ހަލާކުކުރައްވައިފީމުހެއްޔެވެ. އެއިލާހުގެ އަޅުތަކުންގެ ފާފަތަކުގެ ޚަބަރު މޮޅަށް ދެނެވޮޑިގެންވާ އަދި މޮޅަށް ބައްލަވާ ވޮޑިގެންވާ އިލާހަކު ކަމުގައިވުމަށް ކަލޭގެފާނުގެ ވެރިރަސްލާނގެ ފުދިވޮޑިގެންވެއެވެ.“
(އަލްއިސްރާ 16-17)
ފަހެ ﷲ ތަޢާލާ އަހަންނަކީ ތިޔަބައިމީހުންގެ ދަރިފަސްކޮޅު އާލާކުރުމަށާއި ދަނޑުގޮވާކުރުމަށާއި ދުނިޔެވީ އެންމެހާ ބޭނުންތަކަށްޓަކައި ނުހަނު އަމާން ތަނަވަސް ތަނެއްކަމުގައި ނުލައްވަވާ ހެއްޔެވެ؟ ފެހި ރުއްތަކާއި، ނޫވިލުތަކާއި، ހުދުއައްސޭރިތަކުން ތިޔަބައިމީހުން އުފަލާއި ހިތްހަމަޖެހުން ލިބިނުގަންނަމު ހެއްޔެވެ؟ ނަމަވެސް ތިޔަބައިމީހުން އެނިޢްމަތްތަކަށް ހަރާމްކޯރުވެދިޔައީއެވެ. އެހިނދު ﷲ ތަޢާލާ އެއިލާހުގެ ޙަޟްރަތުންވާ ތެދުމަގާއި އިންޛާރެއްކަމުގައި ތިޔަބައިމީހުންގެ މައްޗަށް (އަދި ތިޔަބައިމީހުންގެ ބޮޑުންނާއި ވެރިންނަށް) ގޮވާލާނޭ މީހުންތަކެއް ލެއްވިއެވެ. އެކި ސިފަސިފައިގައެވެ. ސިއްރިޔާތުގައާއި ފާޅުގައެވެ. ގިނިކަންޏާ އެކަނިމައިއެކަނި އާއި ބައިބަޔަށްވާ މީސްތަކުންގެ ގޮތުގައެވެ. އަދި އެފަދަ ކޮންމެ މީހަކަށް ތިޔަބައިމީހުން ނަފްރަތާއެކު ފުރައްސާރަ ރައްދު ކުރީމުއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން ވެރިން ކަމުގައި އިސްކުރެވިފައިވާ މީސްތަކުންނަށް މިބައިގަނޑު ގޮވާތީ އަހަރެން އަޑުއަހަމެވެ.
”وَلا تَلْبِسُوا الْحَقَّ بِالْبَاطِلِ وَتَكْتُمُوا الْحَقَّ وَأَنْتُمْ تَعْلَمُونَ“
”އަދި ތިޔަބައިމީހުން ޙައްޤާއި ބާޠިލް އޮޅުވާނުލާށެވެ. އަދި ތިޔަބައިމީހުން ދެނެތިބި ޙާލުގައި ޙައްޤު ވަންހަނާނުކުރާށެވެ.“
(އަލް ބަޤަރަ 42)
މިފަދަ ގޮވުންތަކަށް ވޭންދެނިވި ނިމުމެއް ގެނައުމަށްޓަކައި މިބައިމީހުން ޖަލުގެ ކުޑަގޮޅިތަކުގައްޔާއި ކޮންޓެއިނަރު ތަކުގައި ބަންދު ކުރެވެއެވެ. ނަމަވެސް ﷲ ގެ ނޫރު ބިމުގެ މަޝްރިޤާއި މަޣްރިބަށް ފަތުރުއްވަވާނެކަން ﷲ ތަޢާލާ ވަނީ އަންގަވާފައެވެ. އެހެންކަމުން ޖަލުގެ ތޭރިތަކުގެ ހަނި ދޭތެރެއިން ނިކުމެ މިދަޢްވަތު އަނެއްކާ ތިޔަބައިމީހުނާއި ހަމަޔަށް ފޯރައެވެ. މިގޮތަށް ތަކުރާރު ވަމުންގޮސް ދުވަސްތައް މަސްތަކަށް، މަސްތައް އަހަރުތަކަށް ބަދަލުވެގެން ދެއެވެ. ތިޔަބައިމީހުންގެ ތެރެއިން ބޮޑުންތައް، ﷲ ގެ ދީނަށް ގޮވާލާ މީސްތަކުންނަށް އަނިޔާވެރި ވުމުގައި ޙައްދުފަހަނަ އަޅައިފިއެވެ. އަދި ބަދަލުގައި އިންޞާފު ހޯދުމަށް އެނިކަމެތި އަޅުން ދާނޭ އެއްވެސް ދަރުބާރެއް ނެތެވެ. އެހެންކަމުން ރޭގަނޑުގެ ކަނުއަނދިރީގައި އެމީހުން އެމީހުންގެ ވެރި ރައްބުގެ ޙަޟްރަތުގައި ނިކަމެތިކަމާއި އެކު އާދޭސްކޮށް ރޮއެ ދުޢާ ދަންނަވައެވެ. އަދި ބުނެއެވެ. ’އޭ އަޅަމެންގެ ވެރި ރައްބެވެ. އަހަރެމެންގެ ބަސް އެބައިމީހުން ޤަބޫލެއް ނުކުރެއެވެ. އޭ އަޅަމެންގެ ވެރި ރައްބެވެ. އެބައިމީހުންނަށް ހަމަ ނުވިސްނެނީއެވެ. އެބައިމީހުންގެ މައްޗަށް ތެދުމަގު މިންވަރު ކުރައްވަވާންދޭވެ.‘
ﷲ ތިޔަބައިމީހުންގެ މައްޗަށް ހެއްކާއި ޙުއްޖަތް ޤާއިމް ކުރެއްވެވިއެވެ. ދިރި ހުރި މިޘާލުތައް ދެއްކެވިއެވެ. މިހުރިހާ ކަމެއް ތިޔަބައިމީހުން ރައްދުކޮށް އުޅެއެވެ. އަދި ބަލަބަލާ ތިއްބާ ޤައުމުގައި ފިތުނަފަސާދައާއި ލޭއޮހޮރުވުން ގިނަވެ ނުބައިކަންބޮޑު ފާހިޝްކަންތައްތައް ގިނަވެ ޢާއްމު ވެއްޖެއެވެ. ﷲ ތަޢާލާގެ އާޔަތުގައި ވާފަދައިން ތިޔަބައިމީހުން މިބިމުގައި ފާސިޤުވެގެންފީމުއެވެ. ﷲ ނަހީ ކުރެއްވި އެންމެހާ ކަމެކެވެ. ރިބާ ކައި އެ ހުއްދަ ކޮށްފިއެވެ. ރާބޮއެ އެވެސް ގަނެ ވިއްކުން ހުއްދައެވެ. ޒިނޭކޮށް ޒިނޭގެ ވިޔަފާރިއެވެ. އައުރަ ނިވާކުރާނެ ރިވެތި ފޭރާން، ﷲ ތާޢާލާ ދެއްވަވާފައިވާ އިރުވެސް އޮރިޔާން ޙާލު މަގުމަތިތައް މިވަނީ ޙިޞާރު ކޮށްފައެވެ. أعوذ بالله. ﷲ އަށާއި އެއިލާހުގެ ރަސޫލާއަށާއި ދީނަށް މަލާމާތްކޮށް ފުރައްސާރަ ކުރެއެވެ. ދެން އަދި ތިޔަބައިމީހުންގެ ތެރެއިން އެބަޔަކަށް ﷲ ތަޢާލާ ވެރިކަމާއި ބާރު ދެއްވަވާފައިވާ މީހުންވަނީ މިކަންތައްތަކުގެ އެންމެ އިސް ސަފުގައެވެ. އެބައިމީހުން ބުނެތެވެ. ’އިސްލާމްދީނުގައި ޤިޞާޞް ހިފުމެއް ނޯންނާނެއެވެ.‘ ﷲ ގެ ޙުކުމާއި ދެކޮޅަށެވެ.
”... إِنِ الْحُكْمُ إِلا لِلَّهِ يَقُصُّ الْحَقَّ وَهُوَ خَيْرُ الْفَاصِلِينَ“
”ޙުކުމް (ކުރެއްވުން)، ﷲ ފިޔަވާ އެހެން ފަރާތަކަށް ނުވެއެވެ. އެއިލާހު ޙައްޤުބަސްފުޅު ވަޙީކުރައްވައެވެ. އެކަލާނގެއީ ޙުކުމް ކުރެއްވުމުގައި އެންމެ ހެޔޮ އިލާހެވެ.“
(އަލް އަންޢާމް 57)
’ރަލަކީ އަހަރެމެންގެ އިޤްތިޞާދެވެ. ރާ ނުވިއްކައިފިނަމަ އަހަރެމެން ބަނޑަށް ޖެހިދާނެއެވެ.‘ އަދި ﷲ ތަޢާލާ އަންގަވަނީ ﷲ ތަޢާލާ ތިޔަބައިމީހުންނަށް ޙަރާމް ކުރެއްވެވި އެއްވެސް އެއްޗެއްގައި ތިޔަބައިމީހުންނަށް ލާބައެއް މަންފާއެއް ނުވާކަމުގައެވެ. އަދި އެއިލާހު ޙަލާލް ކުރެއްވި ތަކެތިން ކައިބޮއެ އުޅުމަށެވެ.
”يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الأرْضِ حَلالا طَيِّبًا وَلا تَتَّبِعُوا خُطُوَاتِ الشَّيْطَانِ إِنَّهُ لَكُمْ عَدُوٌّ مُبِينٌ“
”އޭއީމަންވި މީސްތަކުންނޭވެ! ބިންމަތީގައިވާ ޙަލާލު ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައި އުޅޭށެވެ! އަދި ތިޔަބައިމީހުން ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބަޢަ ނުވާށެވެ! ހަމަކަށަވަރުން އޭނާއަކީ ތިޔަބައިމީހުންގެ މައްޗަށް ބަޔާންވެގެންވާ ޢަދާވާތް ތެރިއެކެވެ.“
(ބަޤަރާ 168)
’ޢަޛާބުގެ ވާހަކަ ނުވަތަ ނަރަކައިގެ ވާހަކަ ދައްކާއިރު މީހުން ހިތްހަމަ ނުޖެހޭ ގޮތަށް އެއްވެސް ޢިލްމު ވެރިއަކު ވާހަކަދައްކައިގެން ނުވާނެއެވެ.‘ ނަމަވެސް ﷲ އަންގަވަނީ ކަލޭގެފާނު މީސްތަކުންނަށް އިންޛާރު ކުރައްވަވާށެވެ. ބިރުވެރިވެގެންވާ ދުވަހަކަށްޓަކައެވެ. ދީނުގެ ޙުކުމްތަކާއި ދެކޮޅަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދޭން ޖެހޭނެކަމުގައި މިބައިމީހުން ބުނެއެވެ. ނޫނެކެވެ. ﷲ ތަޢާލާ އަންގަވާފައިވެއެވެ.
”وَمَا كَانَ لِمُؤْمِنٍ وَلا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلالا مُبِينًا“
”އަދި ﷲ އާއި އެއިލާހުގެ ރަސޫލާ ކަމަކަށް އަމުރު ކުރައްވައިފިނަމަ، މުއުމިން އަންހެނަކަށް އަދި ފިރިހެނަކަށްވެސް އެކަމުގައި އެއްވެސް އިޚްތިޔާރެއް ލިބިގެނެއް ނުވެއެވެ. އަދި ﷲ އާއި އެއިލާހުގެ ރަސޫލާއަށް އުރެދިއްޖެ މީހާ ދަންނާށެވެ! ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެކަން ކަށަވަރެވެ.“
(އަލްއަޙްޒާބް 36)
ދެން ފަހެ، ﷲ ގެ ކޯފާ ތިޔަބައިމީހުންގެ މައްޗަށް ޙައްޤު ނުވޭ ހެއްޔެވެ؟ އަދި ދެން އޮތީ އެންމެ ފަހު މަރުޙަލާ އެވެ. ﷲ ގެ ޙަޟްރަތުން ބޮޑުވެގެންވާ ޢަޛާބެއް އައިސް އަހަރެމެން އެންމެން އެކޮށް ފަނާކޮށް ނެތި ކުރެއްވުމެވެ. ފަހެ ﷲ ގެ ނަބިއްޔާ (صلى الله عليه وسلم) ޙަދީޘް ކުރެއްވެވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”އެތަނެއް ނުވަތަ އެބިމެއްގައި ﷲ ނަހީކުރެއްވި ކަންތައްތައް ކުރުން ގިނަވެއްޖެނަމަ ﷲ ތަޢާލާ އެތަނެއް އެއްކޮށް ފަނާކޮށް ނެތިކުރައްވަވައެވެ.“ އެހިނދު ޞަޙާބީއަކު ސުވާލު ދެންނެވިއެވެ. ”އޭނަބިއްޔާއެވެ! އެތަނެއްގައި ކިތަންމެ ޞާލިޙު ބަޔަކު ތިބިކަމުގައި ވިޔަސް ތޯއެވެ؟“ ޖަވާބުގައި ޙަދީޘް ކުރެއްވިއެވެ. ”އާދޭހެވެ. އެތަނެއްގައި ކިތަންމެ ޞާލިޙް ބަޔަކު ތިބިކަމުގައި ވިޔަސް މެއެވެ.“